ތަހުގީގު ކުރަނީ ފަނޑިޔާރު ހަސަންގެ ރިލްވާންއާ ގުޅޭ މައްސަަލަ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ފަށާފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއާ ގުޅޭ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މައްސަލަ ބަލަން ނިންމާފައިވަނީ ޖޭއެސްސީއިން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ޖޭއެސްސީއިން ބުނީ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ނިންމި މައްސަލައަކީ އެ ކޮމިޝަނަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ދެއްވި ބަޔާނަކާ ގުޅިގެން ބަލަން ނިންމި މައްސަލައެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ރިލްވާން މައްސަލާގެ ތަހުގީގުގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ގެއްލުވާލައި އޭނާ މަރާލުމަށްފަހު އޭނާ ސީރިއާއަށް ފުރައިގެން ދިޔަކަން ބަޔަކު މަސައްކަތްކޮށްފައިވެ އެވެ. އަދި އެކަމަށް ދައުލަތުގެ މުއައްސަސާތަކުން ބައެއް ބޭފުޅުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ބަޔަކު އުޅުނީ ރިލްވާން ސީރިއާއަށް ގޮސް ހަނގުރާމާގައި މަރުވީ ކަމަށް ދައްކުވާށެވެ.

އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަ އެވެ. ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާންގެ ޕާސްޕޯޓެއް ހެދުމަށް ހަސަން އަލީ ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކަށް އިރުޝާދު ދެއްވާފައިވެ އެވެ. އޭނާ ފުލުހަށް ދީފައިވާ ބަޔާނާ ހަވާލާދީ، ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ދެ ފުލުހަކު ހަސަން އަލީއާ ބައްދަލުކުރީ ރިލްވާންގެ މައްސަލަ ނިމެން އެބަ ޖެހޭ ކަމަށް ބުނެ އެވެ.

ރިލްވާންގެ ޕާސްޕޯޓެއް ހަދައި، އޭނާ ބޭރަށް ދިޔަ ކަމަށް ދައްކައި އެންޑީޓީވީ ފަދަ ޗެނަލަކުން ރިލްވާން މަރުވި ކަމުގެ ހަބަރު ގެނެވިދާނެ ކަމަށް އެ ދެ ފުލުހުން ބުނި ކަމަށް ބަޔާނާ ހަވާލާދީ ރިޕޯޓްގައިވެ އެވެ. އެ ދެ ފުލުހުން އެކަމުގައި އުޅުނީ “ވެރިޔާ” ބުނެގެންނެވެ. ނަމަވެސް އެ ވެރިޔާގެ މައުލޫމާތެއް ކޮމިޝަނަށް ނުހޯދުނެވެ.

ރިޕޯޓްގައިވާ ގޮތުން ރަސްމީ ލިޔުން ދީގެން ނޫނީ ޕާސްޕޯޓް ނުހެދޭނެ ކަމަށް އެންގުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ދެ ފުލުހުން ބުންޏެވެ. އެހެންވެ ރިލްވާންގެ އަސްލު ޕާސްޕޯޓްއާ އެއްގޮތަށް އެހެން އެއްޗެއް ހެދިދާނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށްވެ އެވެ. އެ ހިޔާލަކީ ރަނގަޅު ހިޔާލެއް ކަމަށް ދެ ފުލުހުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ފަނޑިޔާރު ހަސަން އަލީއަކީ މިދިޔަ ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވި ބޭފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!