ފޮޓޯ: އަވަސް

ކައިބާންއަށް އޮސްޓްރޭލިއާގެ ވިސާ ދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

ވިސާގެ މައްސަލައެއްގައި އޮސްޓްރޭލިއާއިން ޑީޕޯޓް ކޮށްލަން ކަނޑައެޅި ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާ، ކައިބާން ޖަމްޝާދަށް ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިގޮތަށް އެދިވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދު މިއަދު ވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި ކައިބާންއަށް ވިސާ ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ސިއްހީ ބޮޑެތި މައްސަލަތަކަށް ހުންނަ މީހުންނަށް އޮސްޓްރޭލިއާ ވިސާ ނުދީ ހިފެހެއްޓެ އެވެ. ކައިބާންގެ ބަލީގެ ސަބަބުން ކޮންމެ ހަފުތާއަކު ވެސް ވަކި ފަރުވާތަކެއް ކުރަން ޖެހެ އެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކައިބާންގެ ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތުމުން އޮސްޓްރޭލިއާ ވިސާ ހަމަނުޖެހި އޮސްޓްރޭލިއަން ޑިޕޯޓްކޮށްފިނަމަ ކައިބާންގެ ފުރާނައަށް ނުރައްކާ ވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!