ކަނޑު ދަތުރުތައް ކުރާ އިރު ލައިފް ޖެކެޓް އަޅަން ލާޒިމް ކުރަން މަޖިލިހަށް ގަރާރެއް

ކަނޑު ދަތުރުތައް ކުރާ އިރު، ލައިފް ޖެކެޓް އަޅައިގެން ތިބުން ލާޒިމް ކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވާ އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ބުނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދު ކުރަން ޖެހޭ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ.

އާދަމް ޝަރީފް، އެފަދަ ގަރާރެއް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު 10 މީހުންނާ އެކީގައި ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި “ސްޕީޑް” ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ފަސް ދިވެއްސަކު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާގައި ހަނި ގޮތަކަށް ފަސް މީހަކު ސަލާމަތްވި އެވެ. މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރުމީހުން ވެސް ހިމެނެ އެވެ.

ގަރާރުގައި ވަނީ ރައްޔިތުން އެއް ރަށުން، އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަންވާ ވަރަށް ނުބަލާ ދަތުރުފަތުރު ކުރުމުގެ ސަބަބުންނާއި ކަމާބެހޭ ފަރާތްތަކުގެ ލަފާ އާއި އިންޒާރަށް ބެލުމެއް ނެތި ދަތުރުފަތުރު ކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި މުދަލާއި އުޅަނދުފަހަރު ޣަރަވުން ފަދަ ހިތާމަވެރި ކަންކަން ރާއްޖޭގައި ހިނގަމުންދާ ކަމަށެވެ.

އެހެންވެ، ގަރާރުގައި އެދިފައި ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާއި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށް ރައްކާތެރިވުމުގެ ގޮތުން އޮޑިވެރިންނާއި ކެޔޮޅުންނާއި ކައްޕިތާނުންނާއި ކަލާސީންނާއި ދަތުރު ކުރާ މީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!