ފުވައްމުލަކު ސިޓީން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އިޢުލާންކޮށްފި

ފުވައްމުލަކު ސިޓީގައި އަޅާފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން 152 ހައުސިންގ ޔުނިޓަށް ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކޮށްފިއެވެ.

ދާއިމީ ލިސްޓް އިޢުލާންކޮށްފައިވަނީ، ކުރިން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އަލުން ރިވިއުކުރުމަށްފަހުގައެވެ.

ފުވަންމުލަކު ސިޓީގައި އަޅާފައިވާ 200 ހައުސިންގ ޔުނިޓަކީ މިދިޔަ ސަރުކާރުން އެރަށުގައި ހިންގި ހައުސިންގ މަޝްރޫއުއެކެވެ. މި ހައުސިންގ ޔުނިޓްތަކަށް ހޮވުނު މީހުންގެ ދާއިމީ ލިސްޓް މިދިޔަ އަހަރު އިޢުލާންކުރިނަމަވެސް، އެ ލިސްޓް އަލުން ރިވިއުކޮށް އެ މަސައްކަތް ކުރުމަށް ކައުންސިލްތަކާއި މި ސަރުކާރުން ޙަވާލުކުރިއެވެ. ލިސްޓް ރިވިއުކުރުން ކައުންސިލާއި ޙަވާލުކޮށްފައިވަނީ، ފްލެޓް ލިބޭ މީހުންނަކީ އެކަމުގެ އެންމެ ޙައްގުވެރި ފަރާތްތައްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް އަޅާފައިވަނީ 2 ކެޓަގަރީއަކަށެވެ. ކެޓަގަރީ އޭގައި ހިމެނެނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޢަމާޒުކޮށްފައިވާ ހައުސިންގ ޔުނިޓްތަކެވެ. އަދި ކެޓަގަރީ ބީގައި ހިމެނެނީ ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ހައުސިންގ ޔުނިޓްތަކެވެ. އެގޮތުން އާއްމުކުރި ލިސްޓުގައި ކެޓަގަރީ އޭއިން 137 ފަރާތް، އަދި ކެޓަގަރީ ބީއިން 15 ފަރާތަކަށް ވަނީ ހައުސިންގ ޔުނިޓް ލިބިފައެވެ. 

ފްލެޓަށް އެދުމަށް ހުޅުވާލިި ފުރުޞަތުގައި ކުރިމަތިލާފައިވަނީ އޭ ކެޓަގަރީން 207 މީހުން އަދި ބީ ކެޓަގަރީން 22 މީހުންނެވެ. 

ފުއައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ ހުރި 48 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަށްވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކެޓަގަރީ އޭއިން 35 ހައުސިންގ ޔުނިޓާއި، ކެޓަގަރީ ބީގެ 5 ހައުސިންގ ޔުނިޓާއި، ވިއްކާ 5 ހައުސިންގ ޔުނިޓްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!