އަޒްމިރާލްދާއާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މާފަންނު ސީނާ، ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަންނު ކޮކާހަނދުވަރުގެ، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ އަޒްމިރާލްދާއާއި އަލްއުސްތާޛާ ޝުޖޫން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. މިއީ ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުންތަކެއް އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. ދެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް މި ދެބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ އެދެބޭފުޅުން އެ މަޤާމަށް އައްޔަން ކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވާފައިވަނީ އޯގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ދެބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރުހުންދީފައިވަނީ ވޯޓްގައި ވައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވި 2 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.

ޝުޖޫން އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!