އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވައިގެ މަގުން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 07:48 އެހައިކަންހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ބުލެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.