ވެލިދޫ އިން ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ވެލިދޫ ގެއެއްގައި މީހަކު ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ސެޕްޓެމްބަރ 03 ވަނަ ދުވަހު، އެމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 03 ފުޅި އާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވެއެވެ.

މިމައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!