ހޮނޑައިދޫން ހައްޔަރުކުރީ ސަންރައިސް ބަލަން ގޮސް އުޅެނިކޮށް: ޖާބިރު

ކުރީގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރު ހޮނޑައިދޫ ފުއްޓަރުން ކާށިދޫ ދާއިރާގެ މެމްބަރާއި ރައީސް ނަޝީދުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްގެން ދިޔައީ އިރުއަރާ މަންޒަރު ބަލަން ގޮސް ތިއްބާ ކަމަށް މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި ގުޅޭ ގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑު ހަނދާނަށް އަންނަނީ ބޮޑުތިލަދުންމަތީ ހޮނޑާދޫގައި އަޅުގަނޑާއި ދައުލަތުގެ ބައެއް އިއްޒަތްތެރިން ހައްޔަރުކުރި ދުވަސް. އެދުވަހު ހިއުމަން ރައިޓްސް ކޮމިިޝަނުގެ ބޭފުޅުން ވަލުދޮރާށިން ވަދެ ތިބިކަން ވަރަށް ސާފު.” ޖާބިރު ވިދާޅުވިއެވެ. އަދި އޭނާއާއި އެތާ އެދުވަހު ތިއްބެވި ބޭފުޅުންނަށް އަނިޔާކުރުވި މީހުން މިއަދު ހިއުމަން ރައިޓްސްއޭ ކިޔައިގެން ވާހަކަ ދައްކަން ލަދުވެސް ގަންނަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އޮފީހުގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް ނަޝީދުގެ ތަރުޖަމާނު އިބްރާހިމް ޒުހެއިރުގެ އިތުރުން އޭރުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު، ޖާބިރާއެކު ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޯން ތިބިކަމުގެ ތުހުމަތުގައެވެ.

ޖާބިރު ވިދާޅުވީ، އެމީހުން ގައިގައި ތަޅާ އަނިޔާކޮށް ހައްޔަރުކުރީ ސަންރައިޒް ބަލާލަން ތިއްބާ ކަމަށެވެ.

އެމައްސަލާގައި ޖާބިރު ވަނީ ފުލުހުންނަށް ޔޫރިން ސާމްޕަލް ދޭން އެދުމުން ދެކޮޅު ހަދާފައެވެ. ދެކޮޅު ހެދުމުންނާއި ކޯޓަށް ހާޒިރުނުވުމުން ޖާބިރު ވަނީ ހައްޔަރުވެސް ކޮށްފައެވެ. ޔޫރިން ނުދިނުމުން ކްރިމިނަލް ކޯޓުން ވަނީ ޖާބިރު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އޭގެ ސަބަބުން މަޖިލިސް މެމްބަރުކަމުން ޖާބިރު ވަނީ ވަކިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!