މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ޕްރަބާސްގެ އާ ފިލްމު “ސާހޯ” އަކީ ކޮޕީއެއް ކަމަށް ބުނެ، އެ ފިލްމުގެ ޓީމަށް ފްރާންސްގެ ޑައިރެކްޓަރަކު ފާޑުކިޔައިފި އެވެ.
ފްރާންސްގެ މަޝްހޫރު ޑައިރެކްޓަރު ޖެރޯމް ސެލީ ކުރި ޓްވީޓެއްގައި ބުނީ “ސާހޯ” އަކީ އޭނާ 2008 ގައި ގެނެސްދިން ފިލްމު “ލާގޯ ވިންޗް” ގެ ޕްލޮޓުން ވައްކަންކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށާއި އެހެން ބައެއްގެ އެއްޗަކުން ވައްކަންކޮށްގެން އެއްޗެއް ހަދާ އިރު، ކުޑަމިނުން އެ އެއްޗެއް ތަންކޮޅެއް ރަނގަޅަށް ހެދިއްޔާ ރަނގަޅު ވާނެ ކަމަށެވެ.
އޭނާގެ މި ތުހުމަތާ ގުޅިގެން “ސާހޯ” ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ސުޖީތު ލިޔެ، ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގައި ކިޔައިދެނީ ގޭންގްސްޓާރުންނާއި އެކި ބާވަތުގެ ނުރައްކާތެރި ކުށްވެރިންގެ އަތްދަށުގައި އޮންނަ ސިޓީއެއް ސަލާމަތްކުރަން އިންޓެލިޖެންސް އޮފިސަރަކާއި އޭނާގެ ލޯބިވެރިޔާ ކުރާ މަސައްކަތެވެ.
މި އެކްޝަން ތުރިލާގެ ލީޑް ރޯލް ކުޅެފައި ވަނީ ޕްރަބާސް އާއި ޝްރަދާ ކަޕޫރެވެ.