ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، މިމަހުގެ 2 އިން 4 އަށް ލަންކާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް ރާއްޖެ ވަޑައިގެންނެވިއެވެ.
ރަނިލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
އެ އެއްބަސްވުންތަކުގެ ތެރޭގައި ވިސާ ފެސިލިޓޭޝަން އެގްރީމަންޓެއް ވެސް ހިމެނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެ އެވެ. އަދި ދެގައުމުގައި ވިޔަފާރިކު ރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާ އިރު ލަންކާގައި ތައުލީމު ހާސިލު ކުރާ 18 އަހރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ ލުއި ފަސޭހަ ލިބެ އެވެ.
ދެން ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަމާއި، ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަރައްގީ ކުރުމުގެ އިތުރުން މަތީ ތައުލީމާގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ.