ޖޭއެސްސީގެ ގާނޫނާއެކު ނަޒީރާއި މާޖިދުގެ މަގާމު ގެއްލިއްޖެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލިއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މިިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ބިލް ދިރާސާކުރިއިރު ޖުޑީޝަރީ ކޮމެޓީން ވަނީ އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަަ އެވެ.

ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާއެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.

ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.

ޖުޑީޝަލް އެކަޑެމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑެމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް އަލަށް އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށަށް ބަދަލުވާނެ އެވެ.

ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!