ފޮޓޯ: ސީއެންއެމް

ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލޭ ގޮތަށް އިސްލާހެއް ފާސްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމުގެ ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 


ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅި އިސްލާހު ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ. 

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ޔަޒީދާއި ޒަރީރުގެ މަގާމުގެ އިތުރުން މީރާގެ ބޯޑު އެއްކޮށް އެކުލަވާލަން ޖެހެނޭ ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ ބޯޑަށް ބަދަލެއް ނުގެނައުމަށް ނިންމައިފަ އެވެ.

ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލޭނީ ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ. އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެއެވެ.

މިގާނޫނަށް ގެނެވުނު އިތުރު އިސްލާހުތަކުގެ ތެރޭގައި މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމުގެ ބާރު ވަނީ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!