ރިޟްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމުގައި ފަޑިޔާރު ދީދީ މުހިންމު ދައުރެއް އަދާކުރި

ރިޟްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރިމީހުން ދޫކޮށްލުމުގައި އެންމެ މުހިންމުދައުރެއް އަދާކޮށްފައިވަނީ ފަޑިޔާރު ޢަބްދުﷲ ދީދީ ކަން ޙުލާސާރިޕޯޓުން ހާމަވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ޙުލާސާ ބަޔާނުގައި ވާގޮތުން 2012 ވަނަ އަހަރު ރިޟުވާން ގެއްލުމާއި ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޢަބްދުﷲ ދީދީއެވެ. ދީދީއާއިއެކު މިކަމުގައި އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭރުގެ ޓްވަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް އަބްދުލް ޢަފޫރުކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. 

އެގޮތުން މި ރިޕޯޓުގައި ބުނެފައިވަނީ، ރިޟްވާންއަށް ފާރަލައި ކިޑްނެޕްކުރުމުގައި އެހީތެރިވެދިން މީހުން ފުލުހުން ހައްޔަރުކުރުމުން، އެމީހުން ސަލާމަތްކޮށްދިނުމަށް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރަށް ގުޅައި، އެމީހުންގެ ނަންތައް އަޙްމަދު އަދީބުއަށް ފޮނުވުމުން އަހްމަދު އަދީބު އެ ނަންތައް ކްރިމިނަލް ކޯޓުގެ ގާޒީ ޢަބްދުالله ދީދީއަށް ފޮނުވުމުން، އެމީހުން ކޯޓަށް ގެންދިއުމުން އޭނާ އެމީހުން ދޫކޮށްލާފައިވާކަމަށެވެ. އަދި އޭގެ ފަހުން ރިޟްވާން ކިޑްނޭޕްކުރުމުގައި ހަރަކާތްތެރިވި މީހުން ފުރައިގެން ސީރިއާއަށް ގޮސްފައިވާކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޟްވާން ޢަބްދުاللهއަށް ފާރަލައި ކިޑްނެޕްކުރުމުގައި ބައިވެރިވި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ގާޒީ ޢަބްދުالله ދީދީ އޭނާ ދޫކޮށްލަން އަމުރުކުރި އިރު، އޭނާގެ މައްޗަށް ރިޟްވާން ޢަބްދުالله ކިޑްނެޕްކުރުމުގައި ބައިވެރިވިކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ހެކި ހުރިކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ. 

ރިޟްވާން ގެއްލުވާލި މައްސަލާގައި ހައްޔަރުކުރިމީހުން ދޫކޮށްލުމުގައި އިސް ދައުރެއް އަދާކުރި ކްރިމިނަލް ކޯޓްގެ އޭރުގެ ޤާޒީ ޢަބްދުﷲ ދީދީއަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގައި ބައިވެރިވިކަމަށް ފުލުހުން ތަޙްޤީޤުން ހާމަވެފައިވާ ފަރާތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!