ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވެފައިވަނީ މިއަދު ރާއްޖޭގައި ފެށުނު އިންޑިއަން އޯޝަން ކޮންފަރެންސް، އައި.އޯ.ސީގެ 4 ވަނަ ބައްދަލުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން، ކަނޑުފަޅުގެ ދިރުންތަކަކަކީ ދިވެހިންގެ އާއްމު ދިރިއުޅުމާ ވަރަށްބޮޑަށް ގުޅިލާމެހިފައިވާކަމެއްކަމުން، ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުވެފައިއޮތުމަކީ ރާއްޖެފަދަ ޖަރީޒާ ޤައުމަކަށް ވަރަށް މުހިއްމުކަމެއްކަމަށެވެ. އެގޮތުން ރައްކާތެރިގޮތުގައި ދަތުރުފަތުރުކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި، އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި، ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާނެކަން އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރާނެކަމަށެވެ.
ޓެރެރިޒަމާއި ހައްދުފަހަނައެޅުން އެއީ މިހާރު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަން ފާހަގަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އެތެރޭގެ ހަނގުރާމަތަކާއި، އެއް ޤައުމުން އަނެއް ޤައުމުގެ ކަންކަމާބެހުމާއި، އިޤްތިޞާދީ ހީނަރުކަންފަދަ މައްސަލަތަކަކީ މިހާރު އިންޑިއާ ކަނޑަށްވެސް ކުރިމަތިވެފައިވާ ބިރެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، މި ސަރަޙައްދުގައި ސުލްހަ ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމަށެވެ.