ރިޟުވާންގެ މަރުގެ މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ރިލްވާނު ގެއްލުވާލި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދީނީ ހަރުކަށި ޖަމާއަތަކުން ރިލްވާނު ވަގަށް ނަގައި ކުޑަ ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު މިއަދު ވިދާޅުވީ މަރުތަކާ ބެހޭ ކޮމިޝަން އެމަނިކުފާނު އެކުލަވާލުމުގެ އެއް މަގުސަދަކީ ރިލްވާނަށް ވީގޮތް ހޯދައި އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް މިފަދަ ކަމެއް މުޖުތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން ކަމަށެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން އެކުލަވާލުމުގެ އެންމެބޮޑު މަޤްޞަދަކީ ރިޟުވާނަށް ވީގޮތް ހޯދައި، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް މިފަދަކަމެއް މުޖުތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމުގައިވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މަރުތަކާއިބެހޭ ކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޝަންގެ ރިޕޯޓްގެ ޙުލާސާބަޔާން ރައްޔިތުންގެ މަޖިލީހުން އާންމުކުރުމާއެކު ގިނަބައެއްގެ ލޯތައްވަނީ އެ ރިޕޯޓަށް ހުއްޓިފައެވެ. އަދި މި ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް ރިޟުވާން ގެއްލުނުގޮތާއި، ރިޟުވާން މަރާލާފައިވާގޮތް ކިޔައިދީފައިވެއެވެ. އަދި މިކަމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވެފައިވާ މީހުންނާއި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ އާންމު މައުލޫމާތު ހިމެނޭހެން މި ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.