ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކާއި 2 ސްކޫލް ޤާއިމްކޮށްދޭނަން: ރަނިލް

އައްޑޫ ސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ދެ ސްކޫލް ޤާއިމްކޮށްދެއްވާނެކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަޤްރީރުކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވަމުން ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮންމެ ޤައުމެއްގެ ޤާނުނު ހަދާ މަޖިލީހަކީވެސް ޚާއްޞަ ބާރުތަކާއި އިމްތިޔާޒްތަކެއް ލިބިގެންވާ އަދި ޑިމޮކްރަސީގެ އަސާސްތައް ހިފަހައްޓާ މުއައްސަސާއެއްކަން ފާހަގަކުރައްވާފައެވެ. މިހާރު ދުނިޔޭގެ ޑިމޮކްރަސީތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޑިމޮކްރަސީގެ ނާޖާއިޒް ފައިދާ ނެގުންކަމަށާއި އެކަމުގެ ގެއްލުން ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. 

ރާއްޖެއަށް ލަންކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރާއްޖޭގެ ތަޢުލީމާއި ސަލާމަތީ ބާރުތަކުގެ އިންސާނީ ވަސީލަތް ކުރިއަރުވާ ތަރައްޤީކުރުމަށް ލަންކާއިން އެހީތެރިވަމުން އައިސްފައިވާކަން ފާޙަގަކުއްވާ އިތުރު ދާއިރާތަކުން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަތުރުވެރިކަމާ، ޒުވާނުންނާއި ކުޅިވަރުގެ ވަސީލަތް ތަރައްޤީކުރުމާއި، ޘަޤާފީ ތަރިކަ ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގަިއ އެހީވާނެކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ ސްރީލަންކާ ސަރުކާރުގެ ފަރާތުން އައްޑޫސިޓީގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފޯރުކޮށްދީ، ރާއްޖޭގައި ދެ ސްކޫލް ތަރައްޤީ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ވަންޖެހޭ ތައްޔާރީތައް ކުރިއަށްދާކަންވެސް ބޮޑުވަޒީރު ރަނިލް ފާހަގަކުރެއްވިއެވެ.

“ސްރީލަންކާއިން އައްޑޫސިޓީގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް އެހީވެދޭންވަނީ ނިންމާފައި. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްވެސް ޤާއިމްކޮށްދޭނަން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަޅުގަނޑުމެން ވާނީ ހުށައަޅާފައި ދިވެހިރާއްޖޭޣައި ދެ ސްކޫލެއް ޤާއިމްކުރުމަށް. މިކަން ކުރުމަށް ދެޤައުމުގެ ކަމާގުޅުންހުރި އިދާތާތަކުން ދަނީ މަޝްވަރާކޮށް އެކަމާގުޅޭ މަސައްކަތްތައްކުރަމުން.” ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައިވަނީ އިޢްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!