ރިލްވާންގެ މައްސަލައިގައި 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައާ ގުޅިގެން 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 14 މީހުންގެ ޕާސްޕޯޓު ހިފެހެއްޓީ ކޮމިޝަނުން އެކަމަށް އެދުމުންނެވެ. ރިލްވާން މައްސަލައިގެ މައުލޫމާތު އާއްމު ކުރަމުން މިދިޔަ އާދީއްތަ ދުވަހު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓަން އެދިފައި ވާނެ ކަމަށް ވިދާޅުވެފައެވެ. ޕާސްޕޯޓު ހިފެހެއްޓި 14 މީހުންނަކީ، މިވަގުތު ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރާއްޖޭގައި ތިބި އެންމެން ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ އާދިއްތަ ދުވަހު ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުން ވަނީ ރިލްވާންގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފްސީލީ ވާހަކަތަކެއް ހާމަ ކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅޭ މީހުންގެ ޕާސްްޕޯޓު ހިފަހައްޓާފައިވާކަން ވެސް އެ ކޮމިނަނުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ކޮމިޝަނުން އޭރު ނުބުނެ އެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ. ނަމަވެސް އާ ހެކިތަކެއް ވެސް ލިބިފައިވުމާއެކު ހައިކޯޓުގައި އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!