ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އަޒްމިރާލްދާއާއި ޝުޖޫން ޢައްޔަންކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ދެބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ފާސްވީ ވޯޓްގައި ވައިވެރިވެވަޑައިގެންންވި 62 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.

ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މިދޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރާލްދާ އާއި ޝުޖޫން އައްޔަން ކުރެއްވުމަށް ޖޭއެސްސީން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލަފާ އެރުއްވެވީ ސްޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލެއްވި ހައިކޯޓުގެ 4 ފަނޑިޔާރުންނާއި ރައީސް ލަފާފުޅަކަށް އެދިވަޑައިގެން ނަން ފޮނުއްވެވި ދެބޭފުޅުންނާ ވެސް ވަކިވަކިން އިންޓަރވިއު ކުރެއްވުމަށްފަހުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެންނަތައް ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހޭނެކަމަށް ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!