ޝަހީބު ވަކި ކުރާ މައްސަލަ އަލުން ކޮމިޓީއަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒޭނާ ވަކި ކުރުމުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ގާނޫނީ ޒިންމާ އަދާ ކުރަން އިހުމާލުވި ކަމަށް ބުނެ ޝަހީބާއި ޒޭނާ ވަކި ކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ބެލީ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިންނެވެ. އެއީ މިދިޔަ ޖޫން މަހު 19 ވަނަ ދުވަހުގަ އެވެ. އެއަށް ފަހު އެ މަހު 25 ގައި ސަބް ކޮމިޓީއެއް ހަދައި އެ މައްސަލަ އިތުރަށް ބެލުމަށް ފަހު އެ ދެ މެންބަރުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. ނަމަވެސް ކޮމިޓީން ނަން ފޮނުވައިގެން މީހުން ވަކި ކުރުމާބެހޭ ހާއްސަ އިޖުރާއަތްތަކެއް މަޖިލީހުގެ ގަވައިދުގައި ލިޔެފައި ނެތެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމެވީ އަލަށް އަމަލު ކުރަން ފެށި ގަވައިދުގެ ދަށުން އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން އަނބުރާ ތަޅުމަށް ފޮނުވުމުން އެ މައްސަލަ އެޖެންޑާކޮށް ގޮތެއް ނިންމުމަށް ވޯޓަށް އަހާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑަށް އެނގޭ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިހާރު ވެސް ވަނީ އެ މައްސަލަ ބަލައި ނިންމާފައި. އެހެންވީމަ ކޮމިޓީއަށް ލިބުނުހާ އަވަހަކަށް ތަޅުމަށް ފޮނުވާ ދެއްވާ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

މަގާމުން މީހުން ވަކި ކުރުމަށް މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެ މިހެއްގެ ނަން ތަޅުމުގައި އިއްވުމަށް ފަހު އެ މައްސަލަ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީ އިން ދިރާސާ ކުރުމަށް ފަހު އަނބުރާ ތަޅުމަށް ފޮނުވުމެވެ.

އަދި ތަޅުމުގައި ބަހުސްކޮށް އެ މީހަކު ވަކި ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!