ބަހެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ

މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަހެއްގެ ތެރޭގައި ދުވަސްވީ ފިރިހެނަކު އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ. 


ރޭ މާލެއިން ހުޅުމާލެއަށް ދިޔަ ބަހެއްގެ ތެރޭގައި ފިރިހެނަކު އޭނާއާ ޖެހިގެން ސީޓުގައި އިން އަންހެނެއްގެ ގައިގާ ދެ ފަހަރެއްގެ މަތިން އަތްލާ ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. 

އެކަން ސޯޝަލް މީޑިއާއާ ހިއްސާކުރީ އަންހެން މީހާގެ އާއިލާއިންނެވެ. އެގޮތުން ފުރަތަމަ ފަހަރު ގައިގާ އަތްލުމަށް ފަހު ކުރިމަތީ ސީޓުގައި އިން ފިރިހެނަކަށް އިޝާރާތްކޮށް އެއީ ބައްޕަތޯ ސުވާލުކުރި ކަމަށާއި ދެވަނަ ފަހަރު އަތްލުމަށް ފަހު ސިއްސައިގެން ދޭތޯ ބަލާލީ ކަމަށް ބުނި ކަމަށް އާއިލާއިން ބުންޏެވެ. 

ދެ ފަހަރެއްގެ މަތިން ގައިގާ އަތްލުމުން އަންހެން މީހާ އެހެން ސީޓަކަށް ބަދަލުވި ކަމަށާއި މެސެޖެއް މެދުވެރިކޮށް އެކަން އާއިލާއަށް އެންގި ކަމަށް ވެސް ވެއެވެ. އެހެންވެ ބަސް ހުއްޓި ވަގުތު އާއިލާއިން ވަނީ އެ ސަރަހައްދަށް ގޮސް އެމީހާ ސުވާލުކޮށް ނަސޭހަތްދީފައި ކަމަށް ވެސް އާއިލާއިން ބުންޏެވެ. 

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އިބްރާހީމް މުހައްމަދު މިއަދު ވިދާޅުވީ އެމައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށާއި އެކަމަކު އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!