ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންގެ ދައުވާގައި، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގައި ނިންމާލައިފިއެވެ.
މިއަދު ހެނދުނު ފެށި ހެކިބަސް ދިނުމުގެ ޝަރީއަތުގެ މަޖިލީސް މެދުކެނޑުންތަކަކަށްފަހު މެންދުރު ނިންމާލާފައިވަނީ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި 4 ހެކިވެރިއެއްގެ ހެކިބަސް ނެގުމަށްފަހުއެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި، ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފްއާއި، ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި، ބީއެމްއެލްގެ ބޯޑް މެންބަރުކަން ކުރެއްވި މުޙައްމަދު ލުވައިޒް އަދި ޔާމީން ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން މޫސާ ޒަމީރުގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު ވަސީމްއެވެ.
ހެކިބަސް ދެމުން މުޙައްމަދު ޝަރީފް ވިދާޅުވީ، އެކްސްކްރޯ އެކައުންޓެއް ހުޅުވަން ބޭނުންވާ ކަމަށް ހަސަން ލުތުފީ ގުޅާފައި ވިދާޅުމުން އެކަން އޮންނަ ގޮތް ސާފުކުރުމަށް ލުތުފީއަށް ދެންނެވި ކަމަށާއި، އެކައުންޓް ހުޅުވުމާއި ބެހޭ ގޮތުން އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާ ކަމަށެވެ.
އަދި އެކައުންޓް ހުޅުވިފަހުން އެކައުންޓްގެ ކޮންޓެކްޓް ޕޮއިންޓެއްގެ ގޮތެއްގައި ހަމަޖައްސާފައިވަނީ ޝަރީފް ކަމަށާއި، ގަބޫލު ކުރެވޭ ގޮތުގައި އެކައުންޓް ހުޅުވާފައި ވާނީ އުސޫލާއި އެއްގޮތައް ކަމަށް އަދި އެކައުންޓާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ބޭންކާއި ހަމައަށް އައި ކަމުގެ މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ޝަރީފް ހެކިބަސްދެމުން ވިދާޅުވިއެވެ.
ހެކިބަސް ދެއްވަމުން ލުވައިޒް ވިދާޅުވީ، ޓްރާންސެކްޝަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު އެއްވެސް ފަރާތަކުން އޭނާއާއި ހިއްސާކޮށްފައި ނުވާކަމަށެވެ. ލުވައިޒްއާއި އިތުރު ސުވާލުތަކެއް ކުރަން އެއްވެސް ފަރާތަކުން ބޭނުންނުވިއެވެ.
މޫސާ ޒަމީރު ހެކިބަސް ދެއްވަމުން ވިދާޅުވީ، ޔާމީންގެ އެދިވަޑައިގަތުމަށް އެއް މިލިއަން ޑޮލަރު ޔާމީން އެކައުންޓަށް ޖަމާކޮށްދީފައި ވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ އަމިއްލަ ބޭނުމަށް ހޯއްދެވި ފައިސާކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.
މޫސާ ޒަމީރު އިތުރަށް ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވީ އަމިއްލަ މުދަލެއް ވިއްކައިގެން ހޯއްދެވި ފައިސާގެ ތެރެއިން އެއްމިލިއަން ޑޮލަރު ކަމަށެވެ.
މޫސާ ޒަމީރުގެ އަތުން ގޯއްޗެއް ބައްލަވައިގަތް މުޙައްމަދު ވަސީމް ހެކިބަސް ދެމުން ވިދާޅުވީ، 2018 ވަނަ އަހަރު މޫސާ ޒަމީރުގެ ގޯއްޗެއް ބައްލަވައިގެންނެވި ކަމަށާއި، އެގްރީމެންޓްގައި އޮންނާނީ ދެ މިލިއަން ޑޮލަރަށް ގޯތި ވިއްކަން ނަމަވެސް ފުރަތަމަ ދެއްކީ އެއްމިލިއަން އަޑިހަފަސްހާސް ޑޮލަރު ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލް ވިދާޅުވީ ދައުވާ ލިބޭ ފަރާތުގެ އެއްވެސް ވާހަކައެއް ހެކިވެރިޔާ ވިދާޅުވެފައި ނުވުމުން ކުރާނެ ސުވާލެއް ނެތް ކަމަށެވެ.
ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުޠުފީ މިވަގުތު ރާއްޖޭގައި ނެތުމާއި، ނުފޫޒު ފޯރުވައިގެން ފުލުހުންނަށް ދީފައިވާ ބަޔާނެއް ކަމަށް ވިދާޅުވެ ހެކިބަސް ދެއްވަން އިންކާރުކޮށްފައިވާތީ، ތަޙްޤީޤަށް ހަސަން ލުޠުފީ ދެއްވި ބަޔާން ނެގިއިރުގެ ވީޑިއޯ ރެކޯޑިންގ ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގަތުމަށް ދައުލަވުން ވަނީ މިއަދު އެދިވަޑައިގެންފައެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ އިންކާރުކުރައްވާފައެވެ. އަދި ހުދު ރައީސް ޔާމީންވެސް އެކަމާ ދެކޮޅަށް ވާހަކަފުޅު ދެއްކެވިއިއެވެ.
މިއަދު ޝަރީއަތް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލުނު މަނީލޯންޑަރިންގެ ދައުވާގެ ދައުލަތުގެ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ކަމަށާއި، ދައުލަތުން އެދިލެއްވި ވީޑިއޯ ޝަރީއަތުގައި ދެއްކުމާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.