ފިރިމީހާ އަބަދު ކިޔަވާތީ, އަނބިމީހާ ވަރިވާން ނިންމައިފި

ވަގުތު ނުދީ، ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އުފާތަކުން މަހުރޫމުކޮށް، ފިރިމީހާ އަބަދު ކިޔަވާތީ އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ އަންހެނަކު ވަރިވާން ނިންމައިފި އެވެ.

ޕީޗްއެޑީ އޮތް ފިރިހެން މީހާ ވެސް މިހާރު ބޭނުން ވަނީ އަންހެނުންނާ ވަކިވާށެވެ. އޭނާ އަކީ އާއިލާގައި ހުރި ހަމައެކަނި ދަރި ވެސް މެ އެވެ.

ފިރިއެއްގެ ވާބިޖު އަދާނުކުރާ ކަމަށް ބުނެ، މަދިޔަ ޕްރަދޭޝްގެ ބޯޕާލްގައި ދިރިއުޅޭ އަންހެން މީހާ ޑިސްޓްރިކްޓް ލީގަލް ސާވިސް އޮތޯރިޓީ (ޑީއެލްއެސްއޭ) އަށް ހުށަހެޅުމުން އެތަނުން ވަނީ އެ ދެ މީހުން ސުލްހަވުމަށާއި ކައިވެނި ދަމަހައްޓަން މަސައްކަތްކުރަން ކައުންސެލިން ވެސް ދީފަ އެވެ.

ނަމަވެސް އަންހެން މީހާ ބުނާ ގޮތުގައި ކައިވެންޏަށް އަދި މާ ގިނަ ދުވަހެއް ވެސް ވެފައި ނުވާ އިރު އެ ކައިވެނިން އޭނާ އަށް ލިބޭ އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތެވެ. އަދި ފިރިމީހާގެ އަޅާލުން ނުލިބޭތީ، ކައިވެންޏެއްކޮށްގެން އުޅޭކަމުގެ އެއްވެސް އިހުސާސެއް ނެތް ކަމަށާއި އޭނާ އަބަދު ހުންނަނީ އެކަނިވެރިވެ ބާކީވެފައި ކަމަށް ވެސް އަންހެން ބުންޏެވެ.

“އޭނާގެ ކަމަކީ އަބަދު ކިިޔެވުން. ކޮންމެވެސް އިމްތިހާނަކަށް ތައްޔާރުވުން. އެ ނޫން ކަމެއް އޭނާ ކުރާ ކަމަކަށް ނުވޭ،” އަންހެން މީހާ ބުންޏެވެ.

މި މައްސަލާގައި އޭނާ މިހާރު ވަނީ ފިރިހެން މީހާގެ ގެއިން ނުކުމެގެން މައިންބަފައިންގެ ގެއަށް ބަދަލުވެފަ އެވެ. މިކަމާ ގުޅިގެން ފިރިހެން މީހާ ވެސް ބުނީ އަނބިމީހާ ގެއަށް ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ އެ ކައިވެނިމަތީގައި ދެމިހުންނަން ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ޑީއެލްއެސްއޭގެ ކައުންސެލަރު ވިދާޅުވީ ދެމަފިރިންނަށް ކައުންސެލިން ދިނުމުގެ އިތުރު ޝެޝަންތަކެއް އަދިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!