ސަލްމާންގެ ސަބަބުން އާލިއާގެ އުންމީދު ތަށް ފެނަށް

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “އިންޝާﷲ” ސަލްމާން ޚާނާ ހެދި ހުއްޓައިލުމުން ހަމައެކަނި ގެއްލުންވީކީ ބަންސާލީއަކަށް ނޫނެވެ. މީގެ އެންމެ ބޮޑު ގެއްލުމެއްވީ ހަގީގަތުގައި ބަތަލާ އާލިއާ ބަޓަށެވެ. އެ ފިލްމު ނުހަދަން ނިންމީ އޭނާ އެ ފިލްމުގެ ލަވައެއްގެ މަންޒަރުތަކެއް ޝޫޓް ވެސް ކޮށްފައި ވަނިކޮށެވެ. އަނެއްކޮޅުން ބަންސާލީގެ ފިލްމެއް ކުޅެން ޒުވާން ބަތަލާ އަށް ލިބުނު ފުރުސަތު ސަލްމާންގެ ސަބަބުން ހުއްޓި ފިލްމު މިހާރު އޮތީ ވާނުވާގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން “އިންޝާﷲ” ކުޅެން އާލިއާ އަށް ފުރުސަތު ލިބުނީ އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު “ލާލު ސިންގް ޗައްޑާ” ގެ ބަތަލާގެ ރޯލް ވެސް އޭނާ އަށް ހުށަހަޅާފައި ވަނިކޮށެވެ. އެކަމަކު އާމިރުގެ ފިލްމުގެ ބަދަލުގައި އާލިއާ، ބަންސާލީގެ ފިލްމު އިހުތިޔާރުކުރީ ވެސް ކުޑައިރުއްސުރެ އޭނާ ބަންސާލީގެ ފިލްމެއް ކުޅެން ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ހެދުމުގެ ބޭނުގަ އެވެ. ނަމަވެސް ސަލްމާންގެ ސަބަބުން އާލިއާގެ އުންމީދު ތަށް ފެނަށްދިޔައީއެވެ.

އެކަމަކު ސަލްމާން ކަންތައް ކުރި ގޮތުން ބަންސާލީއާ އެކު މަސައްކަތް ކުރަން އާލިއާ އަށް ލިބުނު ފުރުސަތު ގެއްލުމުގެ އިތުރަށް، އާމިރުގެ ފިލްމު ވެސް އޭނާ އަށް ގެއްލުނީ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި “ލާލު ސިންގް ޗައްޑާ” ގެ ބަތަލާގެ ރޯލް ކަރީނާ ކަޕޫރަށް ދިނީ، އާލިއާ “އިންޝާﷲ” އަށް އޭނާގެ ތާރީހުން ބޮޑު ބައެއް ދީފައިވާތީ އާމިރުގެ ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން އާލިއާ އަށް ފުރުސަތުތައް ލިބެމުން އަންނަ އިރު، ބަންސާލީގެ ފިލްމު ހުއްޓުމަކީ އާލިއާ ވަރަށް ބޮޑަށް މާޔޫސް ވެސްކޮށްލި ކަމެކެވެ. އަދި ސަލްމާނާ ހެދި “އިންޝާﷲ” ހުއްޓުމުން އޭނާ ސަލްމާން ދެކެ ހިތްހަމަވެސް ނުޖެހިފައި ހުރި ކަމަށް މީޑިއާތަކުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!