މި މަހު ހުޅުވާނެ ކަމަށް ކުރިން ބުނެފައިވާ އައްޑޫގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކޮށްފި އެވެ.
ހިތަދޫގައި އިމާރާތްކޮށްފައިވާ ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ތަން ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގަ އެވެ.
މިއީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ. ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކުރި ނަމަވެސް އެ ތަނުގައި އަދިވެސް ކުރަން ޖެހޭ ގިނަ ކަންކަން އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ތަނަށް ބޭނުންވާ މެޝިނަރީ އާއި ފަރުނީޗަރު ފަދަ ތަކެތި އިންސްޓޯލް ކުރުމާއި ފުރާޅު ބަދަލުކުރުން ކަހަލަ ކަންކަން ހިމެނެ އެވެ. އެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
އާ ހޮސްޕިޓަލް މި މަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ހޮސްޕިޓަލް ހުޅުވާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެ ތަން ހުޅުވާނީ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލްގެ ނަމުގަ އެވެ.