ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ކިޑްނީ އާއި ހަށިގަނޑުގެ އެހެން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަންޓްރާންސްޕްލާންޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިއްޖެއެވެ.
މީގެ ކުރިން ސްރީލަންކާގައި އެހެން ގައުމު ތަކުގެ ރައްޔިތުންނަށް ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. މިދިޔަ ޖޫން މަހުގެ ކުރިން ލަންކާގައި ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ލަންކާގެ ރައްޔިތުންނަށެވެ. ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖޭގެ ސަރުކާރު މެދުވެރިކޮށް ބައެއް ދިވެހީންނަށް ހިދުމަތް ފަހިކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އަދި މިހާރު ލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް މިޚިދުމަތް ދޭން ފަށާފައިވާއިރު، ރާއްޖެއަކީ ސްރީލަންކާއިން މިފަދަ ފުރުސަތެއް ފަހިކޮށްދިން ފުރަތަމަ ޤައުމެވެ.
ސްރީލަންކާއަކީ ބޭސްފަރުވާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމަކަށްވެފައި، އޯގަން ޓްރާންސްޕްލާންޓްގެ ޚިދުމަތް އެޤައުމުން އަނެއްކާވެސް ލިބިގެން ދިޔުންވާނީ މިފަދަ ސިއްހީ ޚިދުމަތަކަށް ބޭނުންވެފައިވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހަޔަކަށެވެ.