ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ މެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ ވިސާ އާއި މަތީ ތައުލީމާއި އިޖުތިމާއީ ރައްކާތެރިކަމާއި ޒުވާނުންނާ ގުޅޭ އެއްބަސްވުންތަކެއްގަ އެވެ.
ލަންކާގައި އުޅޭ ދިވެހިންގެ ވިސާއާ ގުޅޭ ގޮތުން ސޮއިކުރެވުނު “އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް” ގެ ދަށުން ލަންކާއަށް ދަތުރުވެރިއެއްގެ ގޮތުގައި ޒިޔާރަތް ކުރާ ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ، ހިލޭ ހަމަޖެހިގެންދާނެ އެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ 2008 ވަނަ އަހަރު ދެގައުމުގެ މެދުގައި ވެވިފައިވާ ވިސާއާ ބެހޭ އެއްބަސްވުމަށް ގެނެވުނު އިސްލާހެކެވެ.
މި އެއްބަސްވުމުގެ ދަށުން ލަންކާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި ދެގައުމުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާނެ އެވެ.
މަތީ ތައުލީމާ ބެހޭ ގޮތުން ސޮއިކުރެވުނީ “އެމްއޯޔޫ އޮން ހަޔަ އެޑިއުކޭޝަން” އެއްބަސްވުމުގައެވެ. މިއެއްބަސްވުމުގެ ދަށުން ދެގައުމުގެ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭންޖެހޭނެ އެވެ.
އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމަށް ވަނީ “އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން” ގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވި އެވެ.
“އެމްއޯޔޫ ފޯ ވޮކޭޝަނަލް ޓްރެއިނިން އެންޑް ޔޫތް ޑިވެލޮޕްމަންޓް” ގެ ނަމުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން ވެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތް ކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްގީ ކުރުމަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގޭނެ އެވެ.
އޭގެ ތެރޭގައި ފަންނީ އަދި ވޮކޭޝަނަލް ތަމްރީންތައް ހިމެނެ އެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ތާރީހާއި ސަގާފަތް ދިރުވާ އާލާކުރުމާ، ބަހާއި އާދަކާދައިގެ ތެރެއިން އިލްމީ ދިރާސާތައް ހެދުންވެސް ހިމެނެއެވެ.
ލަންކާގެ ބޮޑު ވަޒީރު ރަނިލް ރާއްޖެ ވަޑައިގަތުމާއެކު ރާއްޖޭގެ ސަރުކާރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރަނިލްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވައިފައެވެ.
އަދި އެމަނިކުފާނު މާލެ ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޖުމްހޫރީ މައިދާނުން އެމަނުކުފާނަށް މަރުހަބާ ދަންނަވައިފައެވެ.
ރަނިލް ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނެއެވެ. .