ރިލްވާންގެ މަރުގެ ރިޕޯޓް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ވަނީ ރިލްވާންގެ ތަހުގީގު ރިޕޯޓު ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޕާލިމެޓްރީ ގްރޫޕުތަކުގެ ލީޑަރުންނާ ހިއްސާކުރައްވާފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ރިލްވާނު ގެއްލުވާލި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދީނީ ހަރުކަށި ޖަމާއަތަކުން ރިލްވާނު ވަގަށް ނަގައި ކުޑަ ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ތިން މީހެއްގެ ހެކިބަސް ނެގި ކަމަށާއި ތިން މީހުންގެ ހެކިބަހުން ވެސް މިކަން ހިނގާފައިވަނީ މިގޮތަށް ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. ރިޟްވާން މަރާލީ ހަރުކަށި ފިކުރަށް ނިސްބަތްވާ ޖަމާއަތަކުން ކަމަށާއި އެކަން ވެސް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ނަމަވެސް ރިޟްވާން މަރާލީ ކޮން ގޮތަކަށް ކަން އަދި ސީދާ ތަހުގީގަށް އެނގިފައިނުވާ ކަމަށާއި އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ. ނަމަވެސް އާ ހެކިތަކެއް ވެސް ލިބިފައިވުމާއެކު ހައިކޯޓުގައި އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!