ހުރިހާ ރަށެއްގައި ޖޭޕީގެ ގޮފިތައް ގާއިމުކޮށް އެތެރޭގެ އިންތިހާބުތައް ބާއްވަނީ

ހުރިހާ ރަށެއްގައި އަދި އިންތިހާބީ ދާއިރާތަކުގައި ޖުމްހޫރީ ޕާޓީގެ ގޮފިތައް ގާއިމު ކުރުމުގެ މަސައްކަތް ފަށައި، ދާއިރާތަކުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމަށް ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ އެ ޕާޓީން މިހާރު މަސައްކަތް ކުރައްވަނީ ހުރިހާ ރަށެއްގައި އަލުން އެޕާޓީގެ ރަށު ގޮފިތަކާއި ދާއިރާ ގޮފިތައް ކަނޑައަޅާ އިންތިހާބުކޮށް ނިންމަން ކަމަށެވެ. މިކަން ނިންމާފައިވަނީ ރޭގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ނޮވެންބަރު 15 ގައި އިންތިހާބު ބޭއްވުމުގެ ކުރިން ހުރިހާ ރަށަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ޓީމްތަކާއި ވަފުދުތައް ދަތުރު ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ގޮފިތައް އެކުލަވާލުމަށްފަހު ގޮފިތަކުގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކޮށް އައްޔަން ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެކަމަށް ވިދާޅުވެފައިވެއެވެ.

އެޕާޓީގެ ރަށު ގޮފިތަށް ހިންގުމުގެ ޤަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށްވެސް އެޕާޓީގެ ކައުންސިލުން ނިންމާފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޤަވާއިދު އިސްލާހުކުރުމަށްޓަކައި ފަސް މެންބަރުންގެ ކޮމެޓީއެއް ކައުންސިލުން އެކަށައަޅާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މި ޤަވާއިދު އިސްލާހުވެގެން އަންނަ އިރު މަޤާމްތަކުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް ވަރަށް ރަނގަޅަށް ބަޔާން ކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!