ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑްގައި ފުރަތަމަފަހަރަށް އަންހެން ފުލުހަކު ބައިވެރިވެއްޖެއެވެ.
އަންހެނުން ބާރުވެރިކޮށް، މަސައްކަތުގެ ރޮނގުގައިހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ ގިނަ މުޢައްސަސާތަކުން އިސްކަންދޭން ފަށާފައިވާ މުހިންމު ކަމެކެވެ. އެގޮތުން ފުލުންހުންގެ މަސައްކަތުގެ ތެރެއިން މިއަދު ފެނިގެން ގޮސްފައިވަނީ މިފަދަ މަންޒަރެކެވެ. އެންމެ މަތީ ފަންތީގެ ބޭފުޅުން އެއްތަނުން އަނެއްތަކަށް ދަތުރުކުރާ “ވީވީއައިޕީ މޮޓޯކޭޑް”ގައި ފުރަތަމަ ފަހަރަށް އަންހެނެއްގެ ބައިވެރިވުންވަނީ ފެނިގެން ގޮސްފައެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕްރަޓްމަންޓްގައި މަސައްކަތްކުރައްވާ ޕޮލިސް ލާނސް ކޯޕްރަލް އަލީނާ މޫސާ އަކީ ފުރަތަމަ ފަހަރަށް ވީވީއައިޕީ މޮޓޯކޭޑްގެ، އިސް ސަފުގައި ލީޑްކޮށްދެއްވި ފުރަތަމަ އަންހެން ފުލުހެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އަންހެނުންނަކީ ކުރީ ސަފުގައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށްކަމަށެވެ. އަދި އަންހެނަކަށްވީތީ ފުލުހުންގެ ވަޒީފާގައި ކުރިއެރުން ހޯދުމަށް އެއްވެސް ދަތިކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.