ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތުގެ ހަތަރުވަނަ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މާދަމާގެ އަޑުއެހުން އޮންނާނީ ހެނދުނު 10:30 ގައި ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ތިން އަޑުއެހުން ބާއްވާފައިވާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!