ބަންސާލީގެ ފިލްމް އިންޝާﷲ ކުއްލި ގޮތަކަށް ހުއްޓާލަން ޖެހުމުން 2 މިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު “އިންޝާﷲ” ކުއްލި ގޮތަކަށް ހުއްޓާލަން ޖެހުމުން 15 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) ގެ ގެއްލުމެއް ބަންސާލީ އަށް ވެއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން އުޅުނު ފިލްމު ހުއްޓައިލި އިރު، މުމްބާއީގެ މެހެބޫބު ސްޓޫޑިއޯގެ ބައިތަކެއް ކުއްޔަށް ހިފައި، އެތަނުގައި ފިލްމުގެ މަންޒަރުތަކެއް ނަގަން ސެޓްތަކެއް ވެސް ހަދާފައިވެ އެވެ. އަދި ހަމަ އެ ސްޓޫޑިއޯގައި ފިލްމިގެ ލަވައެއްގެ މަންޒަރުތަކެއް ބަތަލާ އާލިއާ ބަޓާއެކު ޝޫޓް ވެސްކޮށްފައިވެ އެވެ.

މީގެ އިތުރުން ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގަން ހަމަޖެހިފައި އޮތް އެމެރިކާ އަށް ލޮކޭޝަން ހޯދަން ވެސް ފިލްމުގެ ޓީމުން ގާތްގަނޑަކަކަށް ދެ ހަފުތާއެއްހާ ދުވަހުގެ ދަތުރެއްކޮށްފައިވެ އެވެ.

ސަލްމާން ޚާންގެ ސަބަބުން ފިލްމު ހުއްޓައިލަން ޖެހުނަސް، މިކަމާ ބެހޭ ގޮތުން ބަންސާލީ މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އޭނާގެ ފިލްމު ކުންފުނިން ކުރި ޓްވީޓެއްގައި ވަނީ ފިލްމު ނުހަދަން ނިންމިކަން ކަށަވަރުކޮށްދީ، ވަރަށް އަވަހަށް އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި އެންމެ ފަހު ވަގުތު “އިންޝާﷲ” ހުއްޓާލަން ނިންމީ ފިލްމަށް ސަލްމާން ކީ އަގާއި އޭނާގެ ތާރީހުން ބަންސާލީ ބޭނުންވާ ވަރަށް ވަގުތު ދެވެން ނެތުމުން، އެއްބަސްވުމަކަށް ނާދެވިގެންނެވެ. އެގޮތުން ފިލްމުން ސަލްމާން 100 ކްރޯޑް (14 މިލިއަން) ޑޮލަރުގެ ފީއަކަށް އެދުނު ކަމަށާއި ބަންސާލީ އެދުނު ގޮތަށް މި މަހުން ފެށިގެން އެއްފަހަރާ 120 ދުވަސް ފިލްމަށް ދޭން ސަލްމާން އެއްބަސްނުވީ ކަމަށްވެ އެވެ.

މީގެ އިތުރުން ފިލްމު ހުއްޓައިލަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އާލިއާގެ ބަދަލުގައި ފިލްމުގެ ބަތަލާއިންނަށް ޑެއިޒީ ޝާހާއި ވަލުސްޗާ ޑި ސޫޒާ ނަގަން ސަލްމާން ބާރުއަޅާފައިވާ ކަމަށްވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!