ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ. 


ރަނިލް މާލެ ވަޑައިގަތުމުން އިއްޒުއްދީން ފާލަމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އެގޮތުން ސްކޫލު ކުދިންގެ ނެށުމުގެ އިތުރުން ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރާއްޖޭގެ އަސްކަރިއްޔާއިން ވަނީ ބަޑީގެ ސަލާމެއް ވެސް އަރުވައިފަ އެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެއަށްފަހު، ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް އެބޭފުޅުން ބައްލަވައިލެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ލަންކާއާއި ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނާއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ލަންކާގެ ބޮޑުވަޒީރަށް ތައާރުފުކޮށް އެރުވުންވެސް އޮތެއެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސް ސޯލިހުއަށް ތައާރުފުކޮށް އެރުވުން ވެސް އޮތެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށްފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސް ސޯލިހުގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސް އޮފީހަށެވެ. ދެ ގައުމުގެ ދެމެދުގައި ކުރުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތައް ކުރިއަށްދާނީ ރައީސް އޮފީހުގަ އެވެ. މި ވާހަކަތަކުގެ ތެރޭގައި ދެގައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްގީގެ ރޮނގުން ދެގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެ އެވެ. 

އަދި ދެގައުމުގެ ދެމެދުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ތިން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އެއަށްފަހު އޮންނާނެކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!