އާޒިމާ ޝަކޫރު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ. 


އާޒިމާގެ މައްޗަށް ދައުވާކޮށްފައި ވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. އާޒިމާގެ މައްސަލަ ތާވަލްކޮށްފައި ވަނީ މިއަދު މެންދުރުފަހު 01:00 އަށެވެ.

މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މައްސަލާގެ ތުހުމަތުގައި ޖެނުއަރީ މަހު އާޒިމާ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.

އާޒިމާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް އެއްބަސްވުމަށް ފަހު އެއާ ހިލާފްވި ކަމަށް ބުނާ މައްސަލާގަ އެވެ.

ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީ އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގަ އެވެ. 

އަދި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލު ކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމުން އާޒިމާ ދައުލަތާ ސުވާލު ކުރެއްވީ އެ ދައުވާ ކުރުމުގައި ޕީޖީ ބިޝާމްގެ ބައިވެރިވުމެއް އޮތްތޯ ސާފު ކުރެއްވުމަށެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ސުވާލު ދައުލަތަށް އަމާޒު ނުކުރެވޭނެ ކަމަށާއި ޖިނާއީ ކޮންމެ ދައުވާއެއް ވެސް ކުރަނީ ޕީޖީގެ ބެލުމުގެ ދަށުން ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!