ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަނިލްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރަނިލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ތަރައްގީގެ ރޮނގުން ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ. އޭގެ އިތުރުން ދެގައުމުގެ މެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ އެވެ.
މިމަހުގެ ތިނަކާ ހަތަރެއްގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައިވެސް އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ އެވެ. މި ކޮންފަރެންސް ޗެއާ ކުރައްވާނީ ވެސް ލަންކާގެ ބޮޑު ވަޒީރެވެ.
ރަނިލް މިއަދުގެ ވަގުތެއްގައި ރައީސް އޮފީހަށް ވަޑައިގެން، ރައީސް ސޯލިހާ ބައްދަލުކުރައްވާނެ އެވެ. އެމްއޯޔޫ ތަކުގައި ސޮއި ކުރުން ވެސް ކުރިއަށް ދާނީ ރައީސް އޮފީހުގަ އެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަނިލް ތަގްރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ އެމަނިކުފާނު ލަންކާގެ ބޮޑު ވަޒީރު ކަމަށް ތިންވަނަ ދައުރަކަށް އިންތިހާބުވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.