ވައުދުތައް ފުއްދަން ސަރުކާރަށް ވަގުތު ދޭންޖެހޭ: ގައްސާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުން ގާތުގައި ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި ވައުދުތައް ފުއްދުމަށް އެމަނިކުފާނަށް ފަސް އަހަރު ދޭންޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 9 މަސްވެގެން ގޮސްފައިވާއިރު “ޗެނަލް 13″ގެ ނިއުސްޓޯކް ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ގައްސާން ވިދާޅުވީ ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ސަރުކާރަށް ފުރުސަތު ދޭން ބޭނުންވާ ކަމަށާއި އަދި ކަންކަން މިނެކިރަން ވާނީ ފަސް އަހަރަށް ފަހު ކަމަށެވެ.

އަދި މި ސަރުކާރުގެ ތަރައްގީގެ ދުވެއްޔާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވެލީގެ ތަފާތުކަން ފާހަގަކުރައްވަމުން ގައްސާން ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ ތަރައްގީގެ ސްޕީޑަކީ އާދަޔާ ހިލާފު ސްޕީޑެއް ކަމަށެވެ. ނަމަވެސް އެ ސްޕީޑްގައި އެހެން ބަޔަކު މަސައްކަތް ކުރައްވާނެ ކަމަށް ހީކުރުމަކީ އެ ފަރާތްތަކަށް ކުރެވޭ ބޭއިންސާފެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަސްލު ސަރުކާރެއްގެ މިންގަނޑު މިނަން ޖެހޭނީ ފަސް އަހަރު ދައުރު ފުރިހަމަ ކުރައްވާއިރު ކުރެވިފައި ހުރި ކަންތައްތަކަށް ބަލާފައި” ގައްސާން ވިދާޅުވިއެވެ.

ފަސް އަހަރު ވަންދެން އިދިކޮޅު ޕާޓީ އޮންނަންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކަމަށާއި އެގޮތުން މި ސަރުކާރަށް އެއް އަހަރުވުމުން މިހާރަށް ވުރެ ބޮޑަށް ސަރުކާރުގެ ސްޕީޑް އަވަސް ކުރުމަށް ސަރުކާރަށް ދެންނެވުން ފަދަ ކަންކަން އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.

މި ސަރުކާރު މިހާރު ހިންގަމުންދަނީ ވަރަށް ބޮޑެތި ބާރުތަކާއެކު ކަމަށާއި އެހެންކަމުން ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދަންޖެހޭނެ ކަމަށާއި އެކަންކަން ނުފުއްދަވައި ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!