ރިލްވާނާއި ޔާމީންއަށް ހަމަލާ ދިނީ އެއް ޖަމާއަތެއްގެ މީހުން: ކޮމިޝަން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށާއި ބްލޮގަރު ޔާމިން ރަޝީދަށް ވެސް ހަމަލާދިނީ އެއް ޖަމާއަތެއްގެ މީހުން ކަމަށް، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނު އުލް ސުއޫދް ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ ރިލްވާން ގެއްލުވާލުމާއި ޔާމީން މަރާލުމުގައި ބައިވެރިވެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ މީހުންކަމަށެވެ. އަދި އެމީހުންގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައި ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ މިޖަމާއަތުން ހިންގާ އެކި ކަންކަން ވަނީ “ސެލް” ތަކަކަށް ބަހާފައިވާކަމަށެވެ. އެގޮތުން އެއް ސެލް އިން ކުރާ މަސައްކަތެއް އަނެއް ސެލްއަކަށް ނޭނގޭކަމަށް ވެސް ބުނެއެވެ. އަދި ހުރިހާ ސެލްތަކެއްގެ މައްޗަށް ބޮޑު ޖަމާއަތެއް އޮންނަކަމަަށެވެ. ނަމަވެސް މިފަދައިން ކަންކަން ކޮށްފައިވަނީ ޖަމާއަތުގެ އެންމެން އަތުލާގަތުމަށް ދަތިކުރުމުގެ ގޮތުން ކަމަށާއި އެގޮތުން ޔާމީން ރަޝީދު މައްސަލާގައި ވެސް ހައްޔަރުކުރެވިފައިވަނީ މިފަދަ ކުޑަ ސެލް އެކެވެ.

މިފަދަ ކޮންމެ ސެލް އެއްގައި “އަމީރު” ނުވަތަ ލީޑަރެއް ހުންނަކަމަށާއި އަމީރުންގެ މަސައްކަތަކީ އެ ސެލްއަކަށް މީހުން ރެކްރޫޓްކުރުން ކަމުގައި ކޮމިޝަނުން ބުނެއެވެ. އެގޮތުން މިސްކިތަށް އަރާ މީހުންނާއި ސްކޫލް ކުދިންނަށް އުއްމަތުގެ ހާލަތުގެ ވާހަކަ ކިޔާދީ ސިކުނޑު ދޮވެލުމަށް ޕްރޮޕެގެންޑާ ވީޑިއޯތަށް ދައްކައެވެ.

އެގޮތުން އެމީހުންނަކީ މުޖާހިދުންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ މީހުން ކަމަށް އަމިީރުން ބުނާކަމަށާއި އަދި އަމީރަށް ނުކިޔަމަންތެރިވާ މީހަކީ އުއްމަތުން ބޭރުވެފައިވާ މީހުން ކަމަށް އެޖަމާއަތުގެ މީހުން ގަބޫލުކުރާ މީހުން ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނިގޮތުގައި މިޖަމާއަތުގެ މީހުން އާމްދަނީގެ ގޮތުގައި ފައިސާ ހޯދަނީ ވައްކަމުންނާއި ފޭރުމުންނެވެ. ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި ފޭރުންތަކުގައި މިޖަމާއަތުގެ އަތެއްވާ ކަމަށް ކޮމިޝަނުން ބުނެއެވެ. އެގޮތުން ބީއެލްއެލްގެ ފައިސާތަކެއް ފޭރުމުގައި ޖަމާއަތުން ބައިވެރިވެފައިވެއެވެ.

މިފަދައިން ފޭރިގަންނަ ފައިސާ ތިންބަޔަކަށް ބަހާ ކަމަށް ކޮމިޝަނުން ބުނެއެވެ. އޭގެތެރެއިން އެއްބައި ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ފޮނުވާކަމަށާ ފައިސާ ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހާވެސް ދެނެގެނެވިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ މިޖަމާއަތުން ގަބޫލުކުރާ ގޮތުގައި ދީނަށް ފުރައްސާރަކޮށް ސުންނަތާ ދެކޮޅު ހަދައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް އޮންނަ ހުކުމަކީ މެރުމެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާނަމަ ފިޔަވަޅު އެޅުމަކީ އެ މީހުންގެ މައްޗަށް އޮތް އައިނިއްޔަ ފަރުލެއް ކަމަށް އެމީހުން ގަބޫޅުކުރާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑަށް ދީނީ ހަރުކަށި ފިކުރު ފެތުރިފައިވާކަމަށެވެ. އަދި އެކަމާ ދެކޮޅަށް އެންމެން މަސައްކަތްކުރަންޖެހޭ ކަމަށް ކޮމިޝަނުން ބުނެއެވެ.

މަރުގެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެކޮމިޝަނަށް ލިބިފައިވާ ގިނަ އަދަދެއްގެ މައުލޫމާތު ހާމަކޮށްފައެވެ. ކޮމިޝަނުން ބުނީ ރިލްވާން ވަގަށް ނެގުމަށް ފަހު އޭނާ ޑިންގީއަކަށް އަރުވައިގެން ގެނގޮސް އެއަށް ވުރެ ބޮޑު އުޅަނދަކަށް އަރުވާ މަރާލާފައިކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!