އެންމެންނަށް ސަރުކާރު ވަޒީފާ ނުލިބޭނެ ކަމަށް ވިދާޅުވުމުން ނަޝީދު ހޫނު ފެނަށް

އެންމެންނަށް ސަރުކާރުގެ ވަޒީފާއެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއެކު އެމަނިކުފާނަށް ބައެއް ފަރާތްތަކުން ފާޑުވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހުރަވީ ސްކޫލުގައި ފެށި އެމްޑީޕީ ޔޫތު ކޮންގްރެސްގައި، އެޕާޓީއަށް މަސައްކަތް ކުރި މީހުންނަށް ވަޒީފާ ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ވަޒީފާ ދީގެން އެންމެން ނުގެންގުޅެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، (އިސްލާހީ މަސައްކަތުގައި) ޕެޕާ ސްރޭ ޖެހުނު ކޮންމެ މީހަކު ސަރުކާރުގެ ވަޒީފާއެއްގެ އުއްމީދުގައި ތިއްބަވަން ނުޖެހޭ ކަމަށެވެ. މިހާރުވެސް ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ އިންތިހާއަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ތިބި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިސާލު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައިސްލޭންޑްގެ އާބާދީ ރާއްޖެއާ އެއްވަރުއިރު، އެ މީހުންގެ ސިވިލް ސާވިސްގެ އަދަދަކީ 7،000 ކަމަށެވެ. އަދި ރާއްޖޭގައި އެ އަދަދު އުޅެނީ 32،000 ގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އިންސާފުވެރިކޮށް ވިސްނުމަކީ ވެރިކަން ގެނައުމަށް ގުރުބާންވެ، މަގުމަތީގައި ދިދަ ހިފައިގެން ވަރުބަލިކަމެއް ނެތި މަސައްކަތްކޮށް، ޖަލަށް ގޮސް ގުރުބާންވި ފަރާތްތަކަށް އިސްކަން ދިނުން ނޫންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެއްވެސް ކަމެއް ނުކުރާ ފަރާތްތަކަށް ބޮޑެތި މަގާމުތައް ލިބިފައި ނުވޭތޯ ޑރ.ޖަމީލު ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ލަދުވެތި ކަމެއް ކަމަށެވެ.

މީގެ އިތުރުން، މިފްކޯގެ ކުރީގެ އެމްޑީ އާދިލް ސަލީމްވެސް ނަޝީދަށް ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމިއްލައަށް ކަމެއްގެ ތެރެއަށް ވަދެ އާމްދަނީއެއް ހޯދަން ގިނަ ޒުވާނުންތަކެއް އެސްއެމްއީ ލޯނަށް އެދުނު ކަމަށެވެ. އެހެންނަމަވެސް އެލޯނު ލިބޭނެކަން، ނުވަތަ ނޫސްކަންވެސް ނޭނގި އެތައް ބަޔަކު އެބަތިބި ކަމަށް ވިދާޅުވިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!