ރިލްވާން މަރާލީ ކަރުގައި ދާގަނޑެއް އޮޅާލައިގެން: ސުއޫދު

މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ މަރާލާފައިވާ ކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި މިހާރު ބާއްވާ ޕްރެސްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ތިން މީހަކު ހެކިބަސް ދިނީ، ރިލްވާން ކިޑްނެޕްކޮށް ނޫނީ ގަދަކަމުން ކާރަކަށް އެރުވުމަށް ފަހު، ޑިންގީއަކަށް ލައިގެން ގެންގޮސް، އެހެން އުޅަދަކަށް އެރުވުމަށް ފަހު ކަރުގައި ދާގަނޑެއް އޮޅާލައިގެން މަރާލާފައި ވާ ކަމަށެވެ.

މިމައްސަލާގައި ތިން މީހެއްގެ ހެކިބަސް ނެގި ކަމަށާއި ތިން މީހުންގެ ހެކިބަހުން ވެސް މިކަން ހިނގާފައިވަނީ މިގޮތަށް ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. ރިޟްވާން މަރާލީ ހަރުކަށި ފިކުރަށް ނިސްބަތްވާ ޖަމާއަތަކުން ކަމަށާއި އެކަން ވެސް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ނަމަވެސް ރިޟްވާން މަރާލީ ކޮން ގޮތަކަށް ކަން އަދި ސީދާ ތަހުގީގަށް އެނގިފައިނުވާ ކަމަށާއި އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ގެއްލުވާލާފައިވާ ރިލްވާންއަށް، 2014 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ބިލާދުއްޝާމް މީޑީއާއިން އިންޒާރު ދީފައިވާ ކަމަށެވެ. އަދި ފޭސްބުކް މެދުވެރިކޮށް ފޮނުވި އެ އިންޒާރުގައި، “ކަލެއަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށް” ބުނެ އެ މީހުން ރިލްވާންއަށް އިންޒާރު ދީފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!