ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ ސަމިޓުގައި، ޕާކިސްތާނާއި އިންޑިއާއިން ކަޝްމީރު މައްސަލައިގައި ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ބަދަލުކޮށްފިއެވެ.
މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ނައިބު ރައީސް މުހައްމަދު ގާސިމް ޚާން ސޫރީ ވިދާޅުވީ އަމަން އަމާންކަން ދެމެހެއްޓުމުގެ ވާހަކަ ދައްކާނަމަ ފަލަސްތީނުގައި ތިބި މުސްލިމުންނާއި، ރޮހިންގާ މުސްލިމުންނާއި ކަޝްމީރު ރައްޔިތުންގެ ހާލަތު ނުފެންނަ ކަމަށް ނުހެދޭނެ ކަމަށެވެ. އަދި ކަޝްމީރުގައި ތިބި މުސްލިމުން ތިބީ ހައްދެއް ނެތް އަނިޔާގެ ޝިކާރައަކަށް ވެފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
އެއާއެކު އިންޑިޔާއިން ވަނީ ނިޒާމީ ބެހޭ މައްސަލަ ނަންގަވައި ރައްދު ދެއްވާފައެވެ.
ޖަލްސާ ހޫނުވެ ރިޔާސަތުގައި ހުންނެވި ރާއްޖޭގެ މަޖިލިސް ރައީސް ނަޝީދުވެސް ވަނީ ދެގައުމުގެ މަންދޫބުން ސުލްހަ ކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.
ގާސިމްގެ ވާހަކަ މެދުކަނޑާލެއްވީ ނަޝީދު ވަރަށް ބާރަށް ވިދާޅުވުމުންނެވެ. ގާސިމްގެ ވާހަކަ ހުއްޓުވާލުމަށް ފަހު އިންޑިއާއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ލޯކް ސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވީ އެއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށާއި، މިހާރު ކުރިއަށްދާ ސަމިޓުގައި ޕާކިސްތާނުން އެވާހަކަ ދެއްކުމާ އިންޑިއާއިން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.
ސްޕީކާސް ސަމިޓަކީ ރާއްޖޭގެ އިތުރުން އިންޑިޔާއާ ޕާކިސްތާންވެސް ހިމެނޭ ގޮތަށް 9 ގައުމަކުން ބައިވެރިވާ ސަމިޓެކެވެ. މިސަމިޓު މިއަދާއި މާދަމާ ވެސް ކުރިއަށްދާނެއެވެ.