ލަންކާއިން ދިވެހިންނަށް ތިން މަސްދުވަހުގެ އޮން އެރައިވަލް ވިސާ ދެނީ

ސްރީލަންކާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެ ޤައުމުގެ ކެބިނެޓުން ނިންމައިފިއެވެ.

ސްރީލަންކާގެ ބައެއް މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހިންނަށް ލަންކާއިން ތިންމަސްދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކުރާނީ އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.

ދެޤައުމުން ސޮއިކުރުމަށް ހަމަޖެހިފައިވާ ވިސާ އެއްބަސްވުމުގެ ދަށުން، ލަންކާއަށް ދަތުރުކުރާ ދިވެހިންނަށާއި ރާއްޖެއަށް އެތެރެވާ ސްރީލަންކާގެ ރައްޔިތުންނަށްވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނަށާއި، ރާއްޖޭގައި ކިޔަވާ ލަންކާގެ ދަރިވަރުންނަށްވެސް ”މަލްޓިޕަލް-އެންޓްރީ ސްޓޫޑަންޓް ވިސާ” މި އެއްބަސްވުމުގެ ދަށުން ހަމަޖެހޭނެކަމަށްވެސް ލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

މިހާރު ރާއްޖެއާއި ސްރީލަންކާގެ ވިސާ އެއްބަސްވުމުގައި ވާގޮތުން ލަންކާއަށް އެތެރެވާ ދިވެހިންނަށް ލިބެނީ އެއްމަސްދުވަހުގެ އޮން އެރައިވަލް ވިސާއެވެ. ވިސާ އެއްބަސްވުމުގެ ސަބަބުން ބޭސްފަރުވާއަށާއި، ތަޢުލީމް ޙާސިލްކުރުމަށާއި، އެނޫންވެސް ބޭނުންތަކަށް ލަންކާއަށްދާ ދިވެހިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ލަންކާގައި ފަނަރަ ހާހާއި ހާތްކުރާ ޢަދަދަކަށް ދިވެހިން ދިރިއުޅެމުންގެންދެއެވެ. ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!