ރަތަފަންދޫ ގެއެއްގެ ފާހަނާތެރޭގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ރަތަފަންދޫ ގެއެއްގެ ފާހަނާތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ ޔަހުޔާ އަލީ އެވެ. އެ މީހާ މަރުވެފައި އޮތް އިރު ވަނީ ބޯ ފަޅައިގެން ގޮސްފައި ކަމަށް ވެއެވެ. 

ރަތަފަންދޫ ކައުންސިލުގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވީ އެމީހާ މަރުވެފައި އޮތް ހަބަރު ލިބުނު ކަމަށާއި، އެމީހާ ފެނުނީ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ކަމަށެވެ. ހުނައިފް އިތުރަށް ވިދާޅުވީ މަރުވި ފިރިހެން މީހާ ވަކިން ގެއެއްގައި ދިރިއުޅުނު ނަމަވެސް، އެމީހާގެ ހުރިހާ ކަމެއް ބަލަހައްޓަނީ ދަރިން ކަމަށެވެ. 

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ހަވީރު އިއްޔެ ހަވީރު 04:46 ހާއިރު ކަމަށެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. 

“މިހާތަނަށް ބެލި ބެލުމުން އެމީހާގެ މޫނު މަތީގައި ޒަހަމްތަކެއް ހުރި ކަމަށް ފާހަގަވޭ. އަދި އެ ޒަހަމްތަކަކީ ފާހާނާ ތެރެއަށް ވެއްޓިގެން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ،” ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ. 

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!