ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޤުރުއާން ކިޔެވުމުގެ ތިރީސްތިންވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޤުރުއާން މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ދަރިންނަށް ރައްޔިތުންގެ ހިތުގައި އޮންނަ ލޯބި އިތުރު ކުރުން ކަމަށާއި ރީތި ކޮށް ކިޔަވާ ދަރިން އުފެއްދުން ކަމަށެވެ.
އަދި މިފަންނު ކުރިއަރުވައި ރީތިކޮށް ޤުރުއާން ކިޔަވާ ދަރިވަރުންތަކެއް އުޅޭ ޖީލެއް ބިނާކުރުމަކީ މުސްތަޤުބަލަށް ބޮޑެތި ފައިދާކުރާނެ ކަމެއްކަމަށް ނައިބުރައީސް ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެން އެންމެންނަކީ ކީރިތި ޤުރުއާން އުނގެނި އެއަށް ޢަމަލުކުރާ ބަޔަކަށް ވާންޖެހޭކަން ނާއިބުރައީސް ފާހަގަކުރެއްވިއެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކޮންމެ އަހަރަކުވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މި މުބާރާތަކީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަމަށް އެތަނުގެ ނަން ބަދަލުވީފަހުން ބޭއްވޭ ފުރަތަމަ މުބާރާތެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ރަނގަޅު ހެޔޮލަފާ ޖީލެއް ބިނާކުރެވޭނީ ގިނަބައެއްގެ މަސައްކަތުންކަމަށެވެ. އެގޮތުން ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީން ކުރައްވަމުން ގެންދަވަނީ އެމަސައްކަތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެހެން އަހަރުތަކާއި މިއަހަރުގެ މުބާރާތް އެކި ގޮތްގޮތުން ތަފާތުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
33ވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި 7 ބޭފުޅުންގެ ޓީމަކުން ޙަރަކާތްތެރި ވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް ޕެނަލްގައި ތިއްބަވާނީ 6 ބޭފުޅުން ކަމަށްވެސް މަޢުލޫމާތުދެއްވައެވެ. މުބާރާތް ކުރިއަށްދާއިރު އިސްލާމީ މަރުކަޒާއި ގުރުއާނާއިބެހޭ މަރުކަޒުގައިވެސް މުބާރާތް ކުރިއަށްދާނެއެވެ.
މި މުބާރާތުގައި ޖުމްލަ 1273 ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ތަނެއްގައެވެ. އެއީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގަޔާއި އިސްލާމީ މަރުކަޒުގައެވެ.