ފްލެގްމޭން ދައުލަަތުގެ އެހީއެއް ބޭނުން ނުވާކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި

އެމްޑީޕީގެ ހަރަކާތްތަކުގައި “ފްލެގް މޭން”އެއް ގޮތުގައި ހަރަކަތްތެރިވާ އެ ޕާޓީގެ އެކްޓިވިސްޓު އަހުމަދު އަބުދުއް ސަމަދުއަށް ފަރުވާ ހޯދަން ދައުލަަތުގެ އެހީއެއް ބޭނުމެއް ނުވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.

މާލޭ ލޯކަލް މާރުކޭޓު ކައިރީ ޓައްޕަކަށް ފައިލައިގެން އިން ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުވަމުން އެބަދެ އެވެ. އެ ފޮޓޯތަކުގައި އޭނާގެ ފައި ވަނީ ވަރަށް ބޮޑަށް އަނިޔާވެ ދުޅަވެފަ އެވެ. އަދި ސަމަދަށް އަޅައި ނުލާ ކަމާއި މަގުމަތިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމްޑީޕީގެ މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަމަދު މަގުމަތިވެފައިވާ ކަމަށް ބުނާތީ އެ މިނިސްޓްރީ އިން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި ސަމަދާއި އޭނާގެ އާއިލާއާ ގުޅުން އޮންނަ ކަމަށާއި އަނިޔާތަކަށް އަމިއްލައަށް ފަރުވާ ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ދައުލަތުގެ އެއްވެސް އެހީއެއް ބޭނުމެއް ނުވާ ކަމަށާއި އިތުރަށް އެކަމުގެ ތެރެއަށް ވަނުމަށް އޭނާ އިންކާރު ކުރާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސަމަދު ފަޔަށް ލިބިފައިވާ އަނިޔާތަކަށް އޭނާ ދާދި ފަހުން ވަނީ ރާއްޖެއިން ބޭރުން ފަރުވާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!