ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ބައިނަލްއަގުވާމީ މައިދާނުގައި ވިއްކާލާފައި: ފޮރިން މިނިސްޓަރ

ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ބައިނަލްއަގުވާމީ މައިދާނުގައި ވިއްކާލާފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ހުކުރު ދުވަހުގެރޭ އޮތް އެމްޑީޕީގެ ޕްރީ ކޮންގްރެސްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރާއި ކުރެވުނު ސުވާލަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮބާތޯއެވެ؟

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެއީ ބޭރުގެ ފަރާތްތަކާއި މުއާމަލާތްކުރެވޭ ގޮތެއްގެ މައްޗަށް އެ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެގެންދާ ކަންތައްތައް ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ރިޔާސާތާއި ހަވާލުވެވަޑައިގެން، ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލެއްވިކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެން ދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއިން ރާއްޖޭގައި ވެރިކަމާއި ހަވާލުވެ، އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުގެ މެމްބަރަކަށްވެ، ދުނިޔެއާއި ރާއްޖޭގައި ވެސް އިންސާނީ ހައްގުތައް ކުރިއަރުވަމުން ގެންދިޔަ އެއް ގައުމަށް ވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއަށް ފަހު ދިވެހިރާއްޖެ، ބައިނަލްއަގުވާމީ ގޮތުންނާއި ދާޚިލީ ގޮތުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ކުރިއެރުވުމުގައި ދިވެހިރާއްޖެ ވަނީ ވަރަށް ބޮޑަށް ސޮއްސާލައިގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އޭރު ރާއްޖެ ވެގެން ދިޔައީ ޚާރިޖީ ސިޔާސަތު ދޮލަނގަކަށް ލައިގެން، ގަންނާނަންތޯ ކިޔަމުން ބައިނަލްއަގުވާމީ މައިދާނުގައި ވިއްކާފައިވާ ގައުމެއް ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކީ ރާއްޖެ އެކަހެރިވެ، ބިކަވެ، ބާކީ ވުން ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކަމަށް އަލި އަޅުވާލަމުން މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އޮތް ހައްގު އިޚްތިރާމް އަނބުރާ ހޯދުން ކަމަށެވެ. އެގޮތުން މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ ވަނީ ވަރަށް ބޮޑު ތަނުން ގެއްލުނު އިޚުތިރާމް އަނބުރާ ހޯދާފައި ކަމަށް ވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!