ޑިސްކަވަރީ ޗެނަލުން ދައްކާ “މޭން ވާސަސް ވައިލްޑް” އެޕިސޯޑަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ފެންނާނެ އެވެ. މި އެޕިސޯޑްގައި ދައްކާނީ އިންޑިއާގެ ހާއްސަ ސިފަތަކެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ގެނެސްދޭ އެޕިސޯޑްގައި މޯދީ ފެންނާނީ “މޭން ވާސަސް ވައިލްޑް” ގެ އެޑްވެންޗަރާ ބެއާ ގްރީލްސްއާ އެކީގަ އެވެ. އެ އެޕިސޯޑްގެ ޕްރޮމޯއެއް ވެސް ބެއާ ޓްވިޓާގައި ހިއްސާ ކުރުމާ އެކު، އެ ރިޓްވީޓް ކުރައްވަމުން މޯދީ ވިދާޅުވީ މިއީ ބެލުންތެރިންނަށް އިންޑިއާގެ އެހެން ފަރާތެއް ފެންނާނެ އެއްޗަކަށް ވާނެ ކަމަށެވެ.
މައިގަނޑު ގޮތެއްގައި، އިންޑިއާގެ ޖިމް ކޯބޭ ނެޝަނަލް ޕާކްގައި ޝޫޓްކޮށްފައިވާ އެޕިސޯޑާ ބެހޭ ގޮތުން މޯދީ ވިދާޅުވީ އޭނާ އަކީ އަބަދު ވެސް “ނޭޗާއާ ވަރަށް ދޯޅު މީހެއް” ކަމަށެވެ.
“އަހަރެންގެ ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރިން ޖަންގަލިތަކުގެ ތެރޭގައި. އަދި ވަރަށް ތަފާތު އަދި ހަނދާނުން ނުފިލާ ކަހަލަ ތަޖިރިބާތަކެއް އެއީ. އަހަރެން ދެކެެނީ އަހަރެންގެ ކާމިޔާބީތަކުގެ ސިއްރުތަކުގެ ފަހަތުގައި ވެސް އޭރު ކުރި ތަޖުރިބާތަކުން ލިބުނު ފިލާވަޅުތަކާއި އިބުރަތްތައް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށް،” ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް ދާދި ފަހުން އިންތިހާބުކުރި މޯދީ، 68، ވިދާޅުވި އެވެ.