ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހަދާނަން: ރައީސް

މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދީ، ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ “އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019” ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުޞަތުދީ، ފުރުރުޞަތު ހޯދައިދީ ޒުވާނުންގެ އަޑުއަހާ ޕާޓީއެއްކަމުގައެވެ. އެޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާ މުހިންމު ކަމުގެ އަލިގަދަ ދަލީލެއްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެން ކަމަށާއި މިގޮތުން، ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހައި ކިޔަވާ ނިމިގެން، މަތީ ތަޢުލީމާ ތަމްރީނު ލިބޭނެ މަގަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުންކަމުގައި ވާއިރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަމަށާއި، ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަކަމުގައި ހާމަކުރެއްވިއެވެ.

“މިގޮތުން ބަލާއިރު، އަންހެނުންގެ ތެރޭގާ ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ ޢަދަދު ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު. މިކަން އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ. ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަށްޖެހޭ. ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނުކުތުމަށް މަގުތައް ކޮށާދޭންޖެހޭ.” ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށާއި މިކަމުގެ ނޭދެވޭ އަސަރުކުރާ އެއް ބަޔަކީ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ތޮއްޖެހިފައިވާ މާހައުލެއްގައި، ބޮޑެތިވުމުގެ ސަބަބުން ނޭދެވޭ ކަންކަމުގެ ޝިކާރައަށްވެ، ކުށްކުރުމާ، ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެންނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަން ޙައްލު ކުރެވޭނީ އުމުރުދުވަހަށް ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ޖަލުތަކަކީ ރީހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް ހަދައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަދުވެސް ފަރުވާއަށް ބޭނުންވެފައިވާ 800 އަށްވުރެ ގިނަ ޒުވާނުން އެބަތިބި. މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާއާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ދަނީ ހިންގަމުން. މިގޮތުން މިހާރު ވަނީ 3 ސެންޓަރެއް ޤާއިމްކޮށްފަ. އެއީ ހދ. ހަނިމާދޫ، ސ. ހިތަދޫ އަދި ގދ. ތިނަދޫ. މީގެ އިތުރުން ސ. ހުޅުދޫގަ ޑްރަގް ޑިޓޮކްސް ސެންޓަރެއް އެޅުމުގެ މަސައްކަތްދަނީ ކުރެވެމުން.” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހި ޒުވާނުންނަކީ މިޤައުމުގައި މިއޮތް ހަމަޖެހުމާ ޑިމޮކްރެސީގެ ރީތި ސިފަތައް ދަމަހައްޓާ ހައްޤު ބަސް ބުނެ އިންސާފާ ހަމަހަމަކަމަށް މަސައްކަތް ކުރާ ބަޔަކަށް ވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!