އިންޑިއާ އާއި އަފްގާނިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

މާދަމާ ފަށާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅުންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސަރަހައްދުގެ ގައުމުތަކުގެ މަޖިލީހުގެ ރައީސުންނާއި އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފަށްޓަވައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޯކް ސަބާގެ ރައީސް އޯމް ބިރްލާގެ އިތުރުން އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރަހްމާން ރަހްމާނީ ރާއްޖެ ވަޑައިގަތުމުން އެބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އޭގެ އިތުރުން ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ޑރ. ޝިރިން ޝަރްމިން ޗޯންދަރީ އާއި، ބޫޓާންގެ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމަގްޔާލްއާއި، ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ހާން ސުރީގެ އިތުރުން ސްރީލަންކާގެ މަޖިލީހުގެ ރައީސް ކަރުނަރަތްނެ ޖަޔަސުރީ އެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ބޭފުޅުން ވެސް މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މަޖިލީހުގެ ރައީސުންގެ އިތުރުން ވެސް އެކި ފެންވަރުގެ ބޭފުޅުން މި ސަމިޓްގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާނެއެވެ. އެގޮތުން ނުވަ ގައުމުގެ ގާނޫނުގެ ހަދާ މަޖިލީހުން 40 އަށް ވުރެ ގިނަ ބޭފުޅުން ސަމިޓްގައި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!