ސަން ފޮޓޯ

ބަންޑުން ޖަހާލި ލޯންޗުން ސަލާމަތްވި އެންމެންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރު ކުރަނިކޮށް، ބަންޑުން ޖަހާލި ލޯންޗުން ސަލާމަތްވި އެންމެންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ހަނިމާދޫ ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެ 12:45 ހާއިރު 10 މީހުންނާއެކު ދަތުރުކުރަނިކޮށް ކޮޅިގަނޑެއްގައި ޖެހި ހަނިމާދޫގެ ދެކުނުކޮޅު ކަޑިންމަ ކައިރިއަށް ވަންނަން އުޅުމުގެ ތެރޭގައި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ވެސް ހިމެނެއެވެ. ހާދިސާގައި ސަލާމަތްވީ ލޯންޗުގެ ކެޕްޓަން އާއެކު ފަސް މީހެކެވެ.

ހަނިމާދޫ ހެލްތް ސެންޓަރުން ވަނީ ސަލާމަތްވި މީހުންގެ ތެރެއިން ލޯންޗުގެ ކެޕްޓަން ޖަޒުލާން އަދުނާން އާއި ލޯންޗުގެ ފަޅުވެރިޔާ ފަރުވާއަށް ފަހު ރޭ ދޫކޮށްލާފައެެވެ. މިއަދު އިތުރު ފަރުވާއަށް ފަހު ދޫކޮށްލާފައިވަނީ ނޮޅިވަރަންފަރު ވީނަސްގޭ އަބްދުއްޝުކޫރު، 57، އާއި އެ ރަށު ރެޑް ރޯސް އައިމިނަތު އާސިމާ، 29، އަދި ދ. ކުޑަހުވަދޫ ފޮގެޓްމީ ނޮޓް އައިޝަތު ޝެހެނާޒް، 29، އެވެ. ހޮސްޕިޓަލުން ފަރުވާދިން އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ނިޔާވި ފަސް މީހުންގެ ކަށުނަމާދު ކޮށްފައިވަނީ ރޭގެ ދަންވަރު 2:00 ޖެހިއިރު ހަނިމާދޫ މިސްކިތުގައެވެ. ފަސް މީހުން ވެސް ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!