1441 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ފޮނުވައިފިއެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސްވިދާޅުވީ، އަހަރަކަށް އަލްވަދާޢު ކިޔައި، އާ އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަމުގައިވަނީ ވިދާޅުވެފައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަން ކަމަށާއި ހިޖްރީ އާ އަހަރަކާ ބައްދަލުކުރާ އިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނާލުން މުހިއްމު ކަމަށެވެ.
އެގޮތުން ކޮންމެ މީހެއްގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ޢާއިލީ ގުޅުންތަކާއި، އިޖްތިމާޢީ ރަޙްމަތްތެރިކަން ދެމެހެއްޓުމުގައި، ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ކޮންމެ ފަރުދަކު ވެސް ވިސްނާލުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.
“އަހަރަކަށް އަލްވަދާޢު ކިޔައި، އާ އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއް. ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް” ރައީސް ވިދާޅުވިއެވެ.
އަދި ޤައުމަށްޓަކައި މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައި ކަމަށްވެސް ރައީސް ސޯލިހުގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.