ހުޅުމާލެ ހޮސްޕިޓަލްގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް، ވަކި ބޯޑެއްގެ ދަށުން ހިންގާ ތަނަކަށް އެތަން ބަދަލުކުރަން ޖެހޭކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ނިޔާޒު ވިދާޅުވީ ޚިދުމަތެއް ދިނުމަށްޓަކައި އިމާރާތަކީ މުހިންމު ކަމެއްކަމަށާއި ނަމަވެސް ރަނގަޅު މެނޭޖްމަންޓެއްވެސް އޮންނަން ޖެހޭނެކަމަށެވެ. ހުޅުމާލޭގެ ހޮސްޕިޓަލް މިވަގުތު އާސަންދަ ކުންފުނީގެ ދަށުން ހިންގަމުންދާއިރު، އޭގެ ސަބަބުން ދައުލަތަށް ވާނެ އިތުރު ފައިދާއަކާއި މެދު ވިސްނާލަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ވަކި މެނޭޖްމަންޓެއްގެ ދަށަށް ހުޅުމާލޭ ހޮސްޕިޓަލް ގެންދިއުމަށް ނިޔާޒް ވަނީ ގޮވާލައްވާފައެވެ.
އެގޮތުން ވަކި ބޯޑެއް އޮވެ އަދި ވަކި ސީއީއޯ އެއް ހުރެގެން ހިންގޭ ތަނަކަށް ހުޅުމާލެ ހޮސްޕިޓަލް ހެދިއްޖެނަމަ އިތުރުކުރެވޭ އިމާރާތާއި އެއްކޮށް ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 ވަނަ ޖަލްސާގައި، ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާއެކު މިއަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު 31.9 ބިލިއަނަށް އަރާނެއެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ތެރެއިން 445 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ކުރީގެ ސަރުކާރުން އާސަންދަ ކުންފުނި މެދުވެރިކޮށް ފަށައި، މިހާރު ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި ހިދުމަތް ފޯރުކޮށްދިނުމަށް 155 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 295 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.